Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ދިވެހި ފިލްމް އެވޯޑްސް 2017 ނުބާއްވަން ނިންމައިފި

ދިވެހި ފިލްމް އެވޯޑްސް 2017 ނުބާއްވަން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން ކޮށްފައިވާ އިއުލާނެއްގައެވެ. އެ އިއުލާނުގައިވަނީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" 2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތަކަށް ހާއްސަކޮށްގެން 19 ޖުލައި 2018 ގައި ވަނީ ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި ކަމަށެވެ.

ނަމަވެސް 30 އޯގަސްޓް 2018 އަށް ފިލްމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ 07 ފީޗަރ ފިލްމް ކަމަށާއި މިއަދަދަކީ ދިވެހި ފިލްމު އެވޯޑްގެ އުޞޫލްގައިވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ، 2017 ވަނަ އަހަރު ފިލްމު އެވޯޑް ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިއީ ނުވަ ވަނަ ފިލްމް އެވާޑްސް ފެސްޓިވަލެވެ.

ދިވެހި ފިލްމު އެވޯޑްސްގެ އުޞޫލްގައިވާ ގޮތުން ފިލްމު އެވޯޑް ބާއްވާނީ މަދުވެގެން 13 ފީޗަރ ފިލްމު، 5 ކުރު ފިލްމު އަދި 3 ޑޮކިއުމެންޓްރީ ފިލްމު އެވޯޑަށް ވާދަކުރަންޖެހެ އެވެ. މިގޮތަށް ހުށަހަޅާފައިވާނަމަ އަހަރަކު އެއްފަހަރު އެވޯޑް ބާއްވާ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ.

ފިލްމު އެވޯޑް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ކަމަށާއި އަދި ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރު ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެ ކަމަށް އެންސީއޭ އިން ބުނެ އެވެ.