ކުޅިވަރު

ޔުނައިޓެޑުން ޔުވެންޓަސް ބަލިކޮށް ދުނިޔެ ސިއްސުވާލައިފި

ގޯލަށް ފަހު ޔުނައިޓެޑު ކުޅުންތެރިން އުފާ ފާޅުކުރަނީ: ފޮޓޯ - މެންޗެސްޓާ ޔުނައިޓެޑް ޓްވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ކާމިޔާބުކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މޮޅަށް ކުޅުނީ ޔުވެންޓަސް އިންނެވެ.

ފުރަތަމަ ހާފުގައިވެސް އެޓީމުން ޔުނައިޓެޑުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާފައެވެ. ކީޕަރު ޑެހެއާ ހުށިޔާރު ކަމާއެކު ހަމަލާތައް މަތަކުރަމުން ދިޔައިރު ބައެއް ހަމަލާތައް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

ލަނޑެއް ނުފެނި ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާއިރު ދެވަނަ ހާފުގެ ފުރަތަމަ 20 މިނެޓު ތެރޭ ޔުވެންޓަސްއަށް ލީޑު ނަގާ ދިނީ މެންޗެސްޓާ ޔުނައިޓެޑުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ 85 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ޕޮގްބާ ވައްޓާލުމުގެ ސަބަބުން ލިބުނު ހިލޭ ޖެހުމަކުންނެވެ. ހިލޭ ޖެހުން ކާމިޔާބުކޮށް ބޯޅަ ގޯލުގެ ތެރެއަށް ވެއްދީ ޔުއަން މަޓާއެވެ. މެޗުގެ އެންމެ ފަހު މިނެޓުކޮޅު ތެރޭ ޔުނައިޓެޑުން ލީޑު ނެގީ އަނެއްކާވެސް ފޮނުވި ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް ޔުވެންޓަސްގެ ސާންޑްރޯ އަތުން ބައިކޮޅަށް ވަދެގެންނެވެ.