Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ތަހުގީގު ކުރޭ: ދުންޔާ

ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތައް ކުރެވެމުންދާ ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެ ތުހުމަތުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި، ވަގުތުން ވަގުތައް މައްސަލަ ތަހުގީގު ކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރ، ދުންޔާ މައުމޫން ގޮވާލައިފިއެވެ.

ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިޔާގައި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ބާރާއި މަގާމުގެ ނުފޫޒުން އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ އަޑުތައް ފެތުރެމުން އަންނަ ކަމަށެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަންހެނުންނަށް ކުރާ ފުރައްސާރަ ބަލައިނުގަނެވޭނެ ކަމަށާއި ވަގުތުން ވަގުތަށް އެމައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި ފާއިތުވެދިޔަ ހަފްތާގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކު، މިނިސްޓްރީގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ. އަދި އެވާހަކަ އިސް ބޭފުޅުންނާ ހިއްސާ ކުރުމުން ޖިންސީ ގޯނާ ކުރި ފަރާތް ހިމާޔަތް ކުރުމަށް މަސައްކަތް ކުރި ކަމަށް އަޑު ފެތުރިފައިވެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އަދި ފުލުހުން ވެސް މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.