ރޭ މެންޗެސްޓާ ޔުނައިޓެޑު ޔުވެންޓަސް ބަލިކޮށް ހޯދި ކާމިޔާބީ އެމީހުނަށް ހައްގު ނޫން ކަމަށާއި އެއީ ނަސީބުން ލިބުނު މޮޅެއް ކަމަށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑުގައި ހަ އަހަރު ހޭދަކުރި ކްރިސްޓިއާނޯ ވަނީ ރޭގެ މެޗުން އޭނާގެ ޓީމު ބަލިވުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލު 65 ވަނަ މިނެޓުގައި ޖެހީ އޭނާއެވެ.
ނަމަވެސް އޭގެ ކުރިން އަދި ފަހުންވެސް ޔުވެންޓަސް އަށް ވަނީ ނަތީޖާ ބަދަލުކުރާނެ ގިނަ އަދި ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗަށް ފަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޔުނައިޓެޑުގެ ކުޅުން ވަރަށް އާދައިގެ ކަމަށާއި ރޭ އެދެއްކި ކުޅުމުން މޮޅު އެއްވެސް ވަރަކަށް ހައްގެއް ނޫން ކަމަށެވެ.
ރޮނާލްޑޯ 65 ވަނަ މިނެޓުގައި ގޯލު ޖަހާފައިވަނިކޮށް ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ 86 ވަނަ މިނެޓުގައި މަޓާގެ ހިލޭ ޖެހުމަކުންނެވެ. މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޔުނައިޓެޑަށް ލީޑު ލިބުނީ ސާންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ ވަނީ އުފާ ފާޅުކޮށްފައެވެ. އޭނާ މިހާތަނަށް ދުވަހަކުވެސް ޔުނައިޓެޑު ދޫކޮށް ދިޔަ ފަހުން ޔުނައިޓެޑު ކޮޅަށް ގޯލެއް ޖެހުމަށްފަހު އުފާ ފާޅުކޮށްފައެއް ނުވެއެވެ.