ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، އެމަނިކުފާނުގެ ފަރާތުން އެ ކޯޓަށް ޖަވާބު ހުށަހަޅައިފި އެވެ.
ނަޝީދުގެ ޤާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވިދާޅުވީ އެމަނިކުފާނުގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅާފައިވާ ކަމަށެވެ.
On behalf of President @MohamedNasheed we just submitted to Supreme Court our written response to PG’s request to review his case. #freepresidentnasheed https://t.co/pGm8cLKeUD
— Hisaan 🎈؟ (@hisaanhussain) November 8, 2018
ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
އެހެން ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން އިސްތިއުނާފުގެ ހައްގުގެ ބޭނުން ހިފާފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ.
ޕީޖީ ހުށަހެޅި މައްސަލަ ބަލަމުންދާތީ، ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދު މިނިވަން ކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.