ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހިޔަލީ މުހައްމަދު ރަޝީދު، އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ހިޔަލީ ވަނީ ރިޔާސީ އިންތިޚާބަށް ވަރަށް ގާތް ވެފައިވަނިކޮށް، ސްރީ ލަންކާގައި ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ. އަދި އިންތިޚާބީ ރައީސް އިބޫ އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގެން ހިޔަލީ ވަނީ ޖަލްސާގައި ވާހަކަ ވެސް ދައްކަވާފައެވެ.
ހިޔަލީ ވިދާޅުވީ އިބޫއަށް ތާއީދު ކުރައްވަން ނިންމެވީ މަޖިލިސް ޓިކެޓެއް ނުވަތަ އެހެން މަގާމެއް ބޭނުންވެގެން ނޫން ކަމަށެވެ. އަދި އެއްވެސް އެއްޗެއް ބޭނުން ވެގެން ނޫޅުއްވާ ކަމަށާއި ރައީސް ޔާމީނަށް ކުރެއްވި ތާއީދު ގެންދެވީ ހެޔޮ ހިތުން ހެޔޮ ނިޔަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔަލީ އިދިކޮޅު ފަރާތްތަކާއި ގުޅެން އުޅުމުން، ރިޝްވަތު ދޭން އުޅުނު ކަމުގައި އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދަން އުޅުނު ކަމުގެ އަޑުތައް ވެސް އޭރު ފެތުރުނެވެ. ނަމަވެސް ހިޔަލީ ހައްޔަރުކޮށްފައެއް ނުވެއެވެ.