ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮންމެ ފުލުހަކަށް މެޑަލެއް ދިނުމަށް ނިންމައިފި އެވެ.
ފުލުހުންގެ މަޤާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ޤަވާއިދަށް މިއަދު ގެނައި އިސްލާޙުގައި ބުނެފައި ވަނީ މިމަހުގެ 11 ވާ އާދިއްތަ ދުވަހާއި ހަމައަށް ފުލުހުންގެ ވަޒީފާގައި ދެމިހުރި ކޮންމެ ފުލުހަކަށް ޖުމްހޫރީ 50 ގެ މެޑަލެއް ދޭން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާގަހަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ.
މީގެ އިތުރުން 2015 ވަނަ އަހަރުގެ ރާއްޖޭގެ 50 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ވެސް މިނިވަން 50ގެ މެޑަލް ވަނީ ހުރިހާ ފުލުހުންނަށް ދީފައެވެ. އެ މެޑަލް ވެސް ދީފައި ވަނީ 2015 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ފުލުހުންގެ ވަޒީފާގައި ދެމި ތިބި ފުލުހުންނަށެވެ.