ޚަބަރު

މިހާރުގެ އީސީއާއެކު މަޖިލިސް އިންތިޚާބު ބާއްވަން ހެޔޮ ނުވާނެ: އަދުރޭ

އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މިހާރު ތިއްބެވި މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން "ހެޔޮ ނުވާނެ" ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ މިހާރު އޮތް އީސީގެ ރައީސް އަހްމަދު ޝަރީފް ދައްކަވާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރައްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އިންތިޚާބާއި ގުޅިގެން ޕީޕީއެމުން މައްސަލައެއް ހުށަހަޅާފައިވަނިކޮށް އިލެކްޝަންސް ކަމިޝަނުން ވޯޓު ކަރުދާސްތައް ނައްތާލުމަކީ ހެކި ނައްތާލަން ކުރި ކަމެއް ކަމަށެވެ.

"ވޯޓު ކަރުދާސް އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން ނަމަ ރައްކާ ކުރެވިފައި ހުންނާނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުގައި. ހުއްޓައި ފުލުހުން މައްސަލައެއް ތަހުޤީޤު ކުރަމުން ދަނިކޮށް، އެ މައްސަލައާ ގުޅުން ހުރި އެއްޗެއް ނައްތައިލެވިގެން ދާއިރު ނައްތައިލެވިގެން ދިޔައީ ކީއްވެގެންކަން އެންމެ ކުޑަމިނުން ރައްޔިތުންނަށް އެބަޖެހޭ ކަމާބެހޭ މުއައްސަސާއަކުން ހާމަކޮށްދޭން،" އޭނާ ވިދާޅުވި އެވެ.