ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލުމަށްފަހު މިރޭ އިރާކޮޅު މާލެ ފުރާވަޑައިގެންފިއެވެ.
ޖަލު ހުކުމް ފަސްކުރެއްވުމާއި ގުޅިގެން ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި ނަޝީދު އައްޑޫއަށް ވަޑައިގަތީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ނަޝީދުގެ ދަތުރުފުޅު ނޮވެމްބަރ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް ފަސް ކުރެއްވީ މޫސުމް ގޯސް ވުމުގެ ސަބަބުންނެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުން ގިނަ އަދަދެއްގެ ބަޔަކުވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސ ނަޝީދުގެ ހާއްސަ އޮފީހެއް އައްޑޫގައި ވަނީ ހުޅުއްވައި ދެއްވާފައެވެ. މި އޮފީހަކީ ތިމާވެށީގެ މަސައްކަތްތަކަށް ހާއްސަ ކުރައްްވައިގެން އެމަނިކުފާން ހުޅުއްވި އޮފީހެކެވެ. ކުރިއަށް އޮތް ދުވަސް ތަކުގައި މި އޮފީހުން ތަފާތު ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅު ނިންމަވާލެއްވި އިރު އައްޑޫގެ ގިނަ އަދަދެއްގެ ބަޔަކާއި އެމަނިކުފާން ވަނީ ބައްދަލު ކުރައްވާފައެވެ.