ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލަ ފޮރިން މިނިސްޓްރީ އިން ބަލަން ފަށައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި އުފައްދާފައިވާ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް މިއަދު ޝަކުވާއެއް ހުށައެޅިފައިވާ ކަމަށާއި، އެ ކޮމިޓީއިން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

އަދި އެ މިނިސްޓްރީގެ މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރައަށް އެއްވެސްޖާގައެއް ނުދިނުމަށާއި، މިިނިސްޓްރީގެ ހުރިހާ މުއައްޒަފުން މިފަދަ ފުރައްސާރައިން ރައްކާތެރިކުރުމުގެ ގޮތުން، މިނިސްޓްރީގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، މިކަން ކުރުމަށް ޤާއިމުކުރެވިފައިވާ އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާއިރު، އެ މައްސަލަ ތަހުޤީޤު ކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރ، ދުންޔާ މައުމޫން ވަނީ މިއަދު ގޮވާލައްވާފައެވެ.

ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިޔާގައި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ބާރާއި މަގާމުގެ ނުފޫޒުން އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ އަޑުތައް ފެތުރެމުން އަންނަ ކަމަށެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަންހެނުންނަށް ކުރާ ފުރައްސާރަ ބަލައިނުގަނެވޭނެ ކަމަށާއި ވަގުތުން ވަގުތަށް އެމައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި ފާއިތުވެދިޔަ ހަފްތާގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކު، މިނިސްޓްރީގެ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ. އަދި އެވާހަކަ އިސް ބޭފުޅުންނާ ހިއްސާ ކުރުމުން ޖިންސީ ގޯނާ ކުރި ފަރާތް ހިމާޔަތް ކުރުމަށް މަސައްކަތް ކުރި ކަމަށް އަޑު ފެތުރިފައިވެއެވެ.