ޚަބަރު

ދޮޅުލައްކަ ޑޮލަރު ދައްކަން ކުރި ޙުކުމް އިސްތިއުނާފް ކުރާނަން: ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު - ފޮޓޯ: ސަން

އިންޑިއާގެ ރައްޔިތެއްކަމަށްވާ ޑރ. އަލަކާ ސިންގް އަށް ބަދަލުގެ ގޮތުގައި 150،000 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ކުށުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޙުކުމް އިސްތިއުނާފް ކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޑރ. އަލަކާ ސިންގް، ނަޝީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނާ އިންވެސްޓްކުރި އުޅަނދެއް ކަމުގައިވާ "ބަރުތީލަ" ކުޑަ އަގެއްގައި ނަޝީދު ޭނުންވި ފަރާތަކަށް ވިއްކާލާފައިވާތީ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ ދައުވާގައި ބުނެފައިވަނީ 400،000 ޑޮލަރަށް އެ އުޅަނދު ވިއްކާލުމަށް ނިންމުމަށްފަހު، އުޅަނދު ވިއްކާލާފައި ވަނީ 250،000 ޑޮލަރަށް ކަމަށެވެ. އެހެންކަމުން އަލަކާ އަށް ގެއްލުންވި 150،000 ޑޮލަރަކީ އޭނާއަށް ލިބެންޖެހޭ އެއްޗެއް ކަމަށާއި އެ ފައިސާ ދެއްކުމަށް ނަޝީދު ވަނީ އެއްބަސްވެފައި ކަމަށްވެސް ދައުވާގައިވެ އެވެ.

އެހެންނަމަވެސް ނަޝީދު ވަނީ ޑރ. އަލަކާ ސިންގް ބުނާފަދަ ޒިންމާއެއް ނަގަންޖެހޭ ގޮތަށް އޭނާ އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށާއި، އެހެންކަމުން އެ ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ.

ސިވިލް ކޯޓުން ނަޝީދުގެ މައްޗަށް ކުރި ޙުކުމްގައި ބުނެފައިވަނީ "ބަރުތީލަ" ވިއްކަން އެއްބަސްވި އަދަދަށްވުރެ ކުޑަ އަގެއްގައި ވިއްކާލާފައިވުމުން، ވިއްކާލަން އެއްބަސްވި އަސްލު އަދަދުން މަދުވާ ފައިސާ ނަޝީދު ދައްކަވާ ގޮތަށް އެއްބަސްވެފައިވާކަން ނަޝީދު ފޮނުއްވާފައިވާ އީމެއިލް އަކުން އެނގޭ ކަމަށެވެ. އެހެންކަމުން މިފައިސާ މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް ޙުކުމްކޮށްފަ އެވެ.

ސިވިލް ކޯޓްގެ ޙުކުމާއި ގުޅިގެން ނަޝީދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެ ދައުވާއަކީ އޭނާގެ އެއްވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ ދަރަންޏެއް ނުވަތަ ފައިސާއެއް ނުދައްކައިގެން ކުރި ދައުވާއެއް ނޫން ކަމަށެވެ.

އެ ދައުވާ އުފުލާފައި އޮތީ ޑރ. އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ، އޭނާއަށް އެހީތެރިވުމުގެ ގޮތުން ނަޝީދު ފޮނުވި އީމެއިލްއެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އީމެއިލްއަކީ ޤާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނުވަތަ ޒިންމާއެއް ވެސް އުފައްދާ ފަދަ އެއްޗެއް ނޫން ކަމަށް ޑރ. އަލަކާ އީމެއިލް އިން ޖަވާބު ދީފައި އޮތް ވެސް އެ އެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ސިވިލް ކޯޓުން މިއަދު ކުރެއްވި ހުކުމް ކުރައްވާފައި އެވަނީ މުގާބިލެއް ނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޒު ނުކުރެވޭނެ ކަމަށް ބުނާ ޝަރުއީ ޙުކުމްތަކާއި އެ ނޫން ވެސް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށެވެ."، އެ ބަޔާނުގައިވެ އެވެ.