އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރައްވައިފި އެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ބުނި ގޮތުގައި އިބޫ ޢުމްރާގެ އަޅުކަން އަދާކުރައްވައިފި ކަމަށާއި، މިދަތުރުފުޅުގައި ސައުދި އަރަބިއާގެ އިސްފަރާތްތަކުން ވެސް އެމަނިކުފާނާއި ބައްދަލު ކުރައްވާ މަރުޙަބާ ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުންތަކާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިބޫގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ އުމްރާއަށް ވަޑައިގެންފައެވެ.
އިބޫ، ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުއްވި ޕްރައިވެޓް ޖެޓެއްގައި އިއްޔެގެ ވަގުތެއްގައެވެ.
އިބޫގެ މި ދަތުރުފުޅުގައި ސައުދި އަރަބިއާގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިބޫގެ ތަރުޖަމާނު، މާރިޔާ ދީދީ ވަނީ ކުރިން ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އަނބުރާ މާލެ ވަޑައިގަންނަވާނީ 9 ނޮވެމްބަރ 2018 ވާ ހުކުރު ދުވަހު ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރެއްވުމަށްފަހު އަމިއްލަ ދަތުރުފުޅެއްގައި އިބޫ ބޭރަށް ވަޑައިގެންފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއެކު ރާއްޖެ ވަޑައިގަތުމަށް ވެސް އިބޫ ވަނީ ސްރީލަންކާ އަށް ވަޑައިގެންފަ އެވެ.
އިބޫ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު މި ހިނގާ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތަށް ސައުދީގެ އިސް ބޭފުޅުންނަށް ވަނީ ދައުވަތު އަރުވާފައެވެ.