ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ފަށައިފިއެވެ.
ފުލުހުން ބުނީއިއްޔެ ފެށި މި ޕްރޮގްރާމްގައި، ހިތަދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފައިސާގެ ވަގުނޫޓު ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި، އެކައުންޓާއި ކޭޝްކާރޑްގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.