Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ހުޅުމާލެ އިން ސިނާމާލެ ބްރިޖަށް ދާ ހައިވޭ މަތިން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިތާތަކެއް ވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އެ ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން 17 އަހަރުގެ ކުއްޖަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ހައިވޭގައި އެކްސިޑެންޓެއް ހިނގިކަމުގެ ޚަބަރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެއިން ހުޅުމާލެ އަންނަ ފަޅިއަށް އަރައިގެން ދަނިކޮށް ސައިކަލު ކަހާލައިގެން ދިއުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ކަކޫ ހުޅުން ބިންދައިގެން ގޮސް، އޭނާގެ ބޯ ފަޅައިގެން ގޮސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ސައިކަލު ފަހަތުގައި އިން ކުޑަކުއްޖާގެ ފަޔަށް ވެސް ގެއްލުންތަކެއް ވަނީ ވެފައެވެ. މި ދެ މީހުންނަށް ވެސް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންނެވެ.