ޗައިނާ އާއި އެކު ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ޑީލްތަކުން ތިން ބިލިއަން ޑޮލަރަށް ރާއްޖެ ޗައިނާއަށް ދަރާފައިވާ ކަމަށް ޗައިނާގެ ނޫހަކުން ބުނެފިއެވެ.
ޗައިނާގެ ސައުތު ޗައިނާ މޯނިންގ ޕޯސްޓުގައި ބުނެފައިވާ ގޮތުން ރާއްޖެއިން ޗައިނާ އާއި އެކު ހަދާފައިވާ ޑީލްތަކުގެ އަގު ތިން ބިލިއަން ޔޫއެސް ޑޮލަރަށް އަރައެވެ. އަދި އެމައުލޫމާތު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މިދިޔަ އޮކްޓޫބަރ މަހުގެ ހަ ވަނަ ދުވަހު ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލި ޖޮންގް އަރުވާފައިވާ ކަމަށެވެ.
ޗައިނާ މޯނިންގ ޕޯސްޓުން ބުނެފައިވާ ގޮތުގައި ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގައި އަޅާ ފްލެޓުތަކާއި، އަދި އެއާޕޯޓު ރަންވޭ ތަރައްޤީ މަޝްރޫއު ހިމެނެއެވެ.
މީގެ އިތުރުންވެސް ބިޑް ކުރުމެއް ނެތި ކުޑަ އަގެއްގައި ޗައިނާ ބަޔަކަށް ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް މާލެ ސަރަހައްދުން ފަޅެއްދީފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޗައިނާގެ ސިއްރު ޑީލްތަކާއި ގުޅޭ ގޮތުން ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް ސައުތު ޗައިނާ މޯނިންގ ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސިއްރު ޑީލްތަކުގެ މައުލޫމާތު ޗައިނާ ސަރުކާރުން ބޭނުންވާ ކަމަށާއި، މި ކަމުގެ ތަފްސީލް ޗައިނާ ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާ ކަމަށާއި، މި ފައިސާ ދެއްކުމުގެ ގާބިލްކަން ދިވެހި ސަރުކާރުގެ ކިބައިގައި ނެތްކަމަަށެވެ.
ޗައިނާއިން ކުދި ގައުމުތައް އިގްތިސާދީ އަޅުވެތިކުރުމަށް ގެންގުޅޭ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގައި ރާއްޖެއިން ބައިވެރިވެ ތަފާތު ދާއިރާތަކަށް ޗައިނާ ލައްވާ އިންވެސްޓު ކުރަން ފަށާފައިވަނީ މަޖްލިސް މެޖޯރިޓީ ނަގައި، ދައުލަތުގެ މުވައްސަސާތައް ހުއްޓުވާފައެވެ. މިކަމާއި ގުޅިގެން އަޑު ނުއުފުލޭވަރަށް ގައުމުގެ ހާލަތު ހިފަހައްޓާފައެވެ.