ރާއްޖެއިން ޗައިނާއަށް ތިން ބިލިއަން ޑޮލަރަށް ދަރާފައިވާ ވާހަކަ އަކީ ތެދެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސައުތު ޗައިނާ މޯނިންގ ޕޯސްޓުގައި ބުނެފައިވާ ގޮތުން ރާއްޖެއިން ޗައިނާ އާއި އެކު ހަދާފައިވާ ޑީލްތަކުގެ އަގު ތިން ބިލިއަން ޔޫއެސް ޑޮލަރަށް އަރައެވެ. އަދި އެމައުލޫމާތު ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު މިދިޔަ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ހިއްސާ ކުރައްވާފައިވާ ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓާއި ހަވާލާދީ އަވަސް ނޫހުގައި ޖެހި ހަބަރު ޓްވިޓާގައި ޝެއާ ކުރައްވައި މުހައްމަދު ސައީދު ވިދާޅުވީ އެއީ ތެދު މައުލޫމާތެއް ނޫންކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއި އެކު ހަދާފައިވާ ޑީލްތަކުން ތިން ބިލިއަން ޑޮލަރު ރާއްޖެއިން ދައްކަން ޖެހޭއިރު އޭގެ ތެރެއިން ބައެއް މަޝްރޫއު ތަފްސީލް ވަނީ ގެނެސްދީފައެވެ. އެގޮތުން ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގައި އަޅާ ފްލެޓުތަކާއި، އަދި އެއާޕޯޓު ރަންވޭ ތަރައްޤީ މަޝްރޫއު ހިމެނެއެވެ.
މީގެ އިތުރުންވެސް ބިޑް ކުރުމެއް ނެތި ކުޑަ އަގެއްގައި ޗައިނާ ބަޔަކަށް ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް މާލެ ސަރަހައްދުން ފަޅެއްދީފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަކީ މީގެ ތެރެއިން ބައެއް. މަޝްރޫއުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި ވަޒީރެވެ.