Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

ކުށްވެރިޔަކީ ފަނޑިޔާރެއް ނޫން، ކުށްވެރިޔަކީ ރިޝްވަތުދޭ މަހުޖަނު: ނަޝީދު

ފަނޑިޔާރުންނާއި، ސަރުކާރުގެ މުވައްޒަފުން އަދި މަޖްލިސް މެމްބަރުން މަގުން ކައްސާލައިގެން ދަނީ އެފަރާތްތަކަށް ރިޝްވަތުގެ ފައިސާ ދިނުމުން ކަމަށާއި، އެފައިސާ ދޭ ފަރާތްތަކީ އަސްލު ކުށްވެރިޔާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ ރައްޔިތުންނާއި މުހާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި، ޝަރީއަތުގެ ނިޒާމް ބަދަލު ކޮށްގެންވެސް އަދުލު އިންސާފު ގާއިމް ނުކުރެވެނީ އަސްލު ރިޝްވަތުދޭ ވިޔަފާރިވެރިޔާ އާއި މެދު ނުވިސްނާ ދޫކޮށްލުމުން ކަމަށެވެ. އަދި އަސްލު ކުށްވެރިޔަކީ ފަނޑިޔާރު ނޫން ކަމަށާއި ކުށްވެރިޔަކީ ރިޝްވަތުމަހުޖަނު ކަމަށެވެ.

ނަޝީދު ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށް ގާނޫނީ ފުންނާބު އުސް ބޭފުޅުންތައް ތަފާތު އެތައް މަޝްވަރާއެއް ކުރައްވާފައިވާ ކަމަށާއި، އެގޮތުން ފަނޑިޔާރުންގެ މުއްދަތާއި، ޖުޑިޝަލް ސާވިސް ކަމިޝަނާއި ގުޅޭ މަޝްވަރާތައް އެތައް ގޮތަކަށް ކުރެވިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ހުރިހާ މަޝްވަރާތަކަށް ވުރެ މާ މުހިއްމު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެއީ ފައިސާ ހޯދައިގެން، އެފައިސާ ގިނަކޮށް ރިޝްވަތުދޭ ވިޔަފާރިވެރިޔާކަމަށެވެ. އަދި އޭނާގެ ވާހަކަ ދައްކަންޖެހޭ ގޮތަށް އެއްވެސް ބަޔަކު ނުދައްކާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރިޝްވަތު ހުތުރު ފައިސާ ދޭ މީހުން، އެ ފައިސާ ގުނަ ގުނައިން ހޯދައިގެން، ހޯއްދަވައިގެން ދެން އެފައިސާ އެކި އެކި ބޭފުޅުންނަށް ދެއްވާ ފައިސާ ވެރިން އިސްލާހުކުރުމުގެ މަސައްކަތް އިސްލާހުކުރުމުގެ ވާހަކަ އަޅޔުގަނޑުމެންނަށް ދެއްކޭ މިންވަރު މާ ކުޑަ،"

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފައިސާވެރިން ފައިސާ ހޯދާ ގޮތާއި އޭގެ ތަފްސީލް އެނގެން ޖެހޭ ކަމަށެވެ. އަދި އެ މުސަނދީންގެ ފައިސާއިން ގައުމު ހަލާކު ކުރަމުންދާތަން ބަލަހައްޓައިގެން ނުތިބެވޭނެކަމަށެވެ.

"އަޅުގަނޑަށް ފެންނަ މީގެ ސިއްރަކީ އަޅުގަނޑުމެން އިސްލާހު ކުރަންވީ މީހާއަކީ ވިޔަފާރިވެރިޔާކަން ރަނގަޅަށް ދެނެނުގަންނަކަން، އޭނާގެ އާމްދަނީ އާއި އޭނާގެ ފައިސާ އޭނާ ގެންގުޅޭގޮތް ދެފުށް ފެންނަން ޖެހޭ، އޭނާގެ މުއްސަދި ކަމުގެ މިންވަރު، އަޅުގަނޑުމެންނަށް އިނގެންޖެހޭ، ސާފުވާން ޖެހޭ، އޭނާދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ، އޭނާގެ މަގްސަދަކަށްވަނީ އޭނާގެ ބޭނުމަކަށްވަނީ އިތުރު ފައިސާ ހޯދުން، އެ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ފައިސާ ބޭނުން ކުރަނީ އަޅުގަނޑަށް ފެންނަ މިއަދު އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ ފަނޑިޔާރު މީހާއެެއް ނޫން، މިއަދު އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ މަހުޖަނު"

ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު ފާހަގަ ކުރާ ގައުމީ ދުވަސް ފެށިގެން އަންނަނީ ބޮޑު ތިލަދުންމަތިން ކަމަށާއި މިއަދު އަނެއްކާވެސް ގައުމު މިނިވަން ކުރުމުގައި ބޮޑުތިލަދިންމަތީ ދަރިންގެ ހިތްވަރު ބޮޑު ކަމަށެވެ.