Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ދިވެހިން ދަރާފައި އޮތް ހަގީގީ މިންވަރު ހާމަކުރޭ: ނަޝީދު

ދިވެހި ސަރުކާރުން ޗައިނާއަށް ދަރާފައި އޮތް މިންވަރު ހާމަކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިސަރުކާރަށް ގޮވާލައިފިއެވެ.

ޗައިނާ އިން ރާއްޖޭގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާއިރު ދާދި ފަހުން ހާމަވި ބައެއް ސިއްރު މައުލޫމާތުތައް ބުނެދޭ ގޮތުގައި ރާއްޖެއިން ވަނީ އެގައުމަށް ތިން ބިލިއަން ޑޮލަރުން ދަރާފައެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ އެ މައުލޫމާތުތަކަކީ އޭގައި ހަގީގަތެއް އެކުލެވޭ މައުލޫމާތުތަކެއް ނޫން ކަމަށް، ޓުވިޓާ މެދުވެރިކޮށް ބުނެފައެވެ. އިތުރު އެއްވެސް ތަފުސީލެއް ހާމަނުކޮށް، ބަޔާނެއްގެ މިންވަރުވެސް ކަމާ ބެހޭ އިދާރާތަކުން ހާމަނުކޮށް ހަމައެކަނި މިނިސްޓަރު ޓުވީޓަކުން މައްސަލަ ދޮގުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހިމެނިފައެވެ. ނަޝީދު މިހާރު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. އިހަވަންދޫގައި ވިދާޅުވީ ހަގީގަތުގައި ދިވެހި ރައްޔިތުން ޗައިނާއަށް ދަރާފައި އޮތް މިންވަރު ހާމަކުރުމަކީ މިސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސިއްރު ޑީލުތަކެއް ޗައިނާ ސަރުކާރައި، މިސަރުކާރުގެ އިސް އޮފިޝަލުން ހަދައި ގިނަ އަދަދެއްގެ ފައިސާއިން ދައުލަތް ދަރުވާލާފައިވާ ކަމަށް ބުނެ ސަރުކާރުގެ އިސް އޮފިޝަލުންނަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އެފަދަ ކަމެއް ކޮށްފައިވާނަމަ ޝާމިލުވާ އެންމެންނަށް ފިޔަވަޅު އެޅުމަށް ވެސް ރައްޔިތުން އަންނަނީ ގޮވަމުންނެވެ.