އައްޑުއަކީ ޕީޕީއެމް އަށް ބޮޑު ތާއީދެއް އޮތް އަތޮޅެއް ކަމަށާއި އައްޑޫގެ ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީ އާ ގުޅެމުންދާ ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މިދިޔަ ހަފުތާގައި ޕީޕީއެމްގެ ޓީމުން އައްޑު އަށް ކުރި ދަތުރުގައި ވެސް އައްޑޫގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީ އާ ގުޅިަފއިވާ ކަމަށެވެ. އަދި އެކަމުން ދޭހަކޮށް ދެނީ ޕީޕީއެމުން ވިއްކާ ފިކުރި ގިނަ ބަޔަކު ބަލައި ގަތުން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އައްޑުއަކީ ކެމްޕޭން ކުރަން ފަސޭހަ އަތޮޅެއްކަން ވެސް ޖަމީލް ފާހަގަ ކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސެޕްޓެމްބަރު 7 ގައި ބާއްވާ އިންތިހާބަށް ކެމްޕޭން ކުރުމަށް މިހާރު ލިބިފައި އޮތް މުއްދަތުގެ ތެރޭގައި، އެކި ދާއިރާތަކަށް އެކަނި ވަޑައިގެން ވެސް ކެމްޕޭން ކުރައްވާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ އެންމެން އެކުގައި އެކި ދާއިރާތަކަށް ވަޑައިގަތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
އެހެންވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ ނުލާ ވެސް އޭނާ އެކަނި ދާއިރާތަަކަށް ވަޑައިގެން ކެމްޕޭން ކުރައްވާ ތަން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ފެނިގެން ދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިހާރު ވެސް އެކ ރަށްރަށަށް ވަޑައިގެން ޕާޓީ އަށް ތާއީދު ހޯއްދަވައި މެމްބަރުން އިތުރު ކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންްނެވެ. އެގޮތުން ރޭ ފޭދޫން ޕީޕީއެމް އާ ގުޅުނު ބައެއްގެ ފޯމްތަކާ ޖަމީލް ވަނީ ހަވާލުވެ ވަޑައިގެންފަ އެވެ.
ޖަމީލް އައްޑޫން ފުރާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.