ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އިއްޔެ އެމަޖެންސީގައި މާލެ ގެނައުމުގެ ކުރިން ދެގަޑިއިރު ވަންދެން ވޭނުގައި އުޅުއްވި ކަމަށާއި، ކަރެކްޝަންސް އިން ފުރަތަމަ ހީކުރީ އަދީބު ޖައްސަމުން ދިޔައީ "ފޭކު" ކަމަށް އަނބިކަނބަލުން މަރިޔަމް ނަޝްވާ ހާމަކޮށްފިއެވެ.
ނަޝްވާ ވިދާޅުވީ ކަރެކްޝަނަށް އަދީބު ފޭކު ޖައްސަނީ ނޫންކަން އަންގައިދޭން ދެ ގަޑިއިރު މަސައްކަތް ކުރި ކަމަށާއި އެމަޖެންސީގައި މާލެ ގެނައީ ޖަލު ޑޮކްޓަރު އަދީބުގެ ހާލު ސީރިއަސް ކަމަށް ސޮއިކޮށް، އިތުރަށް ދިމާވެދާނެ ކަމަކަށް ޒިންމާ ނުނަގާނެ ކަން އެންގުމުން ކަމަށެވެ.
އަދި އަދީބުގެ ހާލު ސީރިއަސް ކަމަށާއި، ޑޮކްޓަރުން ސީޓީ ސްކޭނާއި ރިޕޯޓަށް ފަހު އަދީބުގެ ހާލަތާ ގުޅިގެން ވާހަކަ ދެއްކެވީ ނަޝްވާގެ ހާޒިރުގައި ކަމަށް ވިދާޅުވިއެވެ.
ނަޝްވާ ވަނީ ސިޔާސީ އަދި ޒާތީ ނުފޫޒުން އަދީބުގެ ފުރާނަ ދާއިރުވެސް ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައް ނުކުރައްވާނެތޯ ސުވާލު އުފައްދައި، އަދީބުގެ ހާލަތާ ގުޅިގެން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދީބުގެ ހާލު ބައްލަވާލެއްވުމަށް އެމަޖެންސީ ރޫމަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން އެކަމަށް ހުރަސްއެޅި ކަމަށް އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މޫސާ ސިރާޖު ވިދާޅުވިއެވެ.