Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުން، ޕާޓީތަކުގެ އަޅުންނެއް ނޫން: ޑރ. ޝަހީދު

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށާއި އެމެމްބަރުން ޕާޓީތަކުގެ އަޅުންނަށް ވާން ނުޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ، ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީ ޓިކެޓުން ހޮވުނަސް މެމްބަރުން މަޖިލީހުގައި އިނދޭވޭނީ މުޅި ދާއިރާ ތަމްސީލު ކުރަން ކަމަށެވެ. ޕާޓީތަކުގެ އަޅުންނަށް މެމްބަރުން ނުވުމަށާއި ގައުމުގެ ޚާދިމުންގެ ގޮތުގައި ދެމި ތިބުމަށް އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސު ކޮށްފައެވެ.

ޕާޓީތަކުގެ ނިންމުމާ ޚިލާފުވުމުގެ ސަބަބުން މިހިނގާ ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް ވަނީ ޕާޓީން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމް ތަމްސީލު ކުރައްވަމުން ގެންދެވި 12 މެމްބަރަކާއި އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހިމެނެއެވެ.

އިދިކޮޅާއި ގުޅުނު 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުނު ނަމަވެސް ރީކޯ މޫސަގެ ގޮނޑި ގެއްލިފައެއް ނުވެއެވެ.