Last Updated: April 24, 11:19
Wednesday, April 24, 2024
މުނިފޫހިފިލުވުން

ރަންވީރް އާއި ދީޕިކާ ކައިވެންޏަށް އިޓަލީ އަށް

ދީޕިކާ އާއި ރަންވީރް ފުރަން ގޮސް އެއާޕޯޓްގައި - ފޮޓޯ: އިންޑިއާ ޓީވީ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރް ސިންގް އާއި ދީޕިކާ ޕާދުކޯން، އެދެމީހުންގެ ކައިވެންޏަށް އިޓަލީ އަށް މިއަދު ފުރައިފި އެވެ.

އެމީހުންނާއެކު ރަންވީރްގެ މަންމަ އާއި ބައްޕަ އަދި ދައްތަ ރިތިކާ ބަވްނާނީ ވެސް ވަނީ އިޓަލީ އަށް ފުރައިފައެވެ. އަދި ދީޕިކާގެ އާއިލާވެސް ވަނީ ބެންގަލޫރުން އިޓަލީ އަށް ފުރައިފައެވެ.

ރަންވީރް އާއި ދީޕިކާގެ ކައިވެނި އޮންނާނީ މި މަހުގެ 14 އާއި 15 ވަނަ ދުވަހު އެވެ

ރަންވީރް އާއި ދީޕިކާގެ ސަންގީތު ނޮވެމްބަރު 13 ގައި ބާއްވާއިރު، ކައިވެނި ކުރިއަށްގެންދާނީ ދެ ގޮތަކަށެވެ. ރަންވީރް އަކީ ސިންދީ-ޕަންޖާބީ އަކަށްވާއިރު، ދީޕިކާ އަކީ އިންޑިއާގެ ކަރްނާޓަކާ އަށް ނިސްބަތްވާ މީހެކެވެ. އެހެންކަމުން ފުރަތަމަ ކައިވެނި އޮންނާނީ ނޮވެމްބަރު 14 ގައެވެ. އެ ހަފްލާ ކުރިއަށްގެންދާނީ ކަރްނާޓަކާގެ ޘަޤާފަތާއި އާދަކާދަތަކާއި އެއްގޮތަށެވެ. އަދި ނޮވެމްބަރު 15 ގައި އޮންނަ ކައިވެނީގެ ޙަފްލާ ކުރިއަށްދާނީ އަނަންދް ކަރާޖް އާއި އެއްގޮތަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަންވީރް އާއި ދީޕިކާގެ ކައިވެނީގެ ޙަފްލާގެ މެހުމާނުންގެ ލިސްޓްގައި ފަރާ ޚާން އާއި ޝާހް ރުކް ޚާން އާއި ސަންޖޭ ލީލާ ބަންސާލީގެ އިތުރުން އަދިތްޔަ ޗޯޕްރާ ވެސް ހިމެނެއެވެ.

ކައިވެންޏަށްފަހު ފިލްމް އިންޑަސްޓްރީގެ ފަރާތްތަކަށް ބާއްވާ ޚާއްސަ ރިސެޕްޝަނެއް ޑިސެމްބަރު 1 ގައި މުމްބާއީ ގައި އޮންނާނެ އެވެ. އަދި ނޮވެމްބަރު 21 ވަނަ ދުވަހު ދީޕިކާގެ ގާތްގިމާގެ މީހުންނަށް ވެސް ބެންގަލޫރުގައި ރިސެޕްޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.