Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

"އަތޮޅުތަކުގައި އެއާޕޯޓް އިތުރުކުރުމަށްވުރެ ރަނގަޅީ ހަލުވި، އަގުހެޔޮ ފެރީގެ ނިޒާމެއް ޤާއިމްކުރުން"

އަތޮޅުތަކުގައި އަޅާ އެއާޕޯތްތަކުގެ އަދަދު އިތުރުކުރުމަށްވުރެ ބޮޑަށް ރަނގަޅީ ހަރުދަނާ، ހަލުވި އަދި އަގުހެޔޮ ފެރީގެ ނިޒާމެއް ޤާއިމްކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ކޯލިޝަންގެ ސަރުކާރުން ގެންގުޅޭތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަށް މީހުން އެދުނަސް އެއީ ތަރައްޤީގެ ރަނގަޅު ތަޞައްވަރެއް ނޫންކަމަށެވެ. އަދި ނަޝީދު ވަނީ ފްލައިޓް ދަތުރުތަކަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން ޓިކެޓުގެ އަގު ބޮޑުވާކަން ފާހަގަކުރައްވައި، އެވަރުގެ ހޭދައެއް ކުރާނެ ތަނަވަސްކަން އެބަ ހުރިތޯ ވެސް ސުވާލުކުރައްވާފަ އެވެ.

އެހެންކަމުން އެއާޕޯޓުތައް އިތުރު ކުރުމުގެ ބަދަލުގައި ހެޔޮ އަގެއްގައި ފެރީގެ ނިޒާމު ފެށި 50 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައި ދިއްދޫން މާލެ ދެވޭނެ ގޮތްވުން މާބޮޑަށް ރަގަޅުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އެއާޕޯޓް އަޅަން ވައުދުވެވަޑައިގެންފަ އެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ. ރާއްޖެ ވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އައްޑޫ ސިޓީ އަށެވެ. އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ދިއްދޫ އަށް ވަޑައިގެންނެވީ އިއްޔެ އެވެ. އަދި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ އެވެ.