ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ މެމްބަރު އަބްދުއް ލަތީފް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމިހުންނަވާނެ ކަން ހާމަކޮށްފިއެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ލަތީފް ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޔާމީންގެ ސިޔާސަތުތަކާ ޚިޔާލު ތަފާތުވެ ޕީޕީއެމް ދޫކުރެއްވި މެމްބަރުންގެ ތެރޭގައި ލަތީފް ވެސް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ފެއްޓެވި މަސައްކަތުގައި ބައިވެރިވުމުގެ ސަބަބުން ޕީޕީއެމުން ވަކިކޮށް، ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވައެވެ.
ސުޕްރީމް ކޯޓަށް އެމައްސަލަ ހުށައެޅުމުން މިދިޔަ މަހު ވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ. ކޯލިޝަންގެ ލީޑަރުން ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް ޕްރައިމަރީއާ ނުލާ މަޖިލިސް އިންތިޚާބަށް ޓިކެޓު ދީފައެވެ.