Last Updated: April 16, 14:57
Tuesday, April 16, 2024
ކުޅިވަރު

ބަޔާން ބަލިކޮށް ޑޯޓްމަންޑް ލީޑް ފުޅާކޮށްފި

ބަޔާން މިއުނިކް ކޮޅަށް ލަނޑުޖެހުމަށްފަހު ބޮރޫޝިއާ ޑޯޓްމަންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަން ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް 3-2 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ތާވަލްގެ ތިންވަނައިގައި އޮތް ބަޔާންއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު އަދިވެސް އެއްވަނައިގައި އޮތީ ޑޯޓްމަންޑް އެވެ. އެޓީމަށް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތީ 23 ޕޮއިންޓާއެކު ބޮރޫޝިއާ މޮންޗެންގްލަޑްބަކް އެވެ. ބަޔާން މި ވަގުތު 20 ޕޮއިންޓާއެކު ތިންވަނައިގައި އޮތްނަމަވެސް މިއަދު ކުޅޭ މެޗުން ރެޑްބުލް ލިޕްޒީގު މޮޅުވެއްޖެނަމަ އެޓީމަށް ތިންވަނަ ލިބޭނެއެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލީޑް ނެގީ ބަޔާން އިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކުރީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ބަޔާންގެ ސާޖް ނެބްރީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާކޯ ރޮއިސް ކާމިޔާބުކުރި ގޯލާއެކު ޑޯޓްމަންޑުން އެއްވަރުކުރި ނަމަވެސް އޭގެ ތިން މިނެޓު ފަހުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާ ވެސް ބަޔާނަށް ލީޑުނަގައިދީފައެވެ.

އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ބަޔާންގެ ޕެނަލްޓީއޭރިޔާތެރެއިން ކާމިޔާބުކުރި ރީތި ގޯލުން ރޮޮއިސް ވަނީ ދެވަނަ ފަހަރަށް ޑޯޓްމަންޑަށް އެއްވަރުކޮށްދީފައެވެ. މިއީ އެޓީމުގެ ލޫކަސް ޕިޒްޗެކް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ރޮއިސް އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީ ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މިހާފުގައި ކުޅެން ނިކުތް ޕަކޯ އަލްކަސާ އެވެ. މިއީ ބާސެލޯނާއިން ލޯން އެއްބަސްވުމެއްގެ ދަށުން ޑޯޓްމަންޑަށް ބަދަލުވެ ލީގުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ގޯލެވެ. މީގެތެރެއިން ހަތް ގޯލް ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުން ބޭރުގައި އަލަސާނޭ ޕްލީ ކާމިޔާބުކުރި ހެޓްރިކާއެކު ވާޑާ ބްރޭމަން އަތުން 3-1 އިން މޮންޗެންގްލަޑްބަކް މޮޅުވިއިރު ފަހު ވަގުތު ރީސް ނެލްސަން ޖަހައިދިން ލަނޑާއެކު ހޮފެންހައިމް ވަނީ 2-1 އިން އޮގްސްބާގް ބަލިކޮށްފައެވެ.