ފްލެޓާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. ބޭއިންސާފުން ހައްގު ނޫން ފަރާތްތަކަށް ފުލެޓު ލިބުނަސް އެމީހުން އެތަނުގައި ވަޒަންވެރިވި ފަހުން ނެރެ އެއްލާލުމަށް ނޭދޭ ކަމަށް ނަޝީދު ވިދާޅުވުމުން ގިނަ ބަޔަކު ވަނީ ކޮރަޕްޝަނަށް މަގުފަހިކުރުން ކަމަށް އެ ކަން ސިފަކޮށްފައެވެ.
ނަމަވެސް އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެއްކެވީ ހއ. ދިއްދޫގައި ނަޝީދުގެ ސަރުކާރުގައި އެޅި ފްލެޓުތަކުގައި ދިރިއުޅެމުންދާ އާދައިގެ ދިވެހި ރައްޔިތުން ފްލެޓުތަކުން ނެރެން ނޭދޭ ވާހަކަ ކަމަށެވެ. ފަހަރެއްގައި ވެސް އެއީ ހުޅުމާލޭގައި، ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ފްލެޓުތަކުގައި ނުހައްގުން ފްލެޓު ހޯދި މުއްސަނދިންގެ ވާހަކަ ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދިއްދޫގައި އެޅި ފްލެޓުތަކަށް ވެސް މީހުން ހޮވިއިރު، ނުހައްގުން، މަދުން މާކުސް ލިބުނު މީހުން ގިނައިން ލިބުނު މީހުނަށްވުރެ އިސްކަންދީ ފްލެޓު ދީފައިވާ ކަމަށް މީގެ ކުރިންވެސް އެރަށު އެމްޑީޕީ ސަޕޯޓަރުން ވަނީ ޝަކުވާ ކޮށްފައެވެ. ނަޝީދު ވިދާޅުވީ އިންސާފުން ނުވަތަ ބޭއިންސާފުން ވަން ކަމަށް ވިޔަސް އެ ފުލެޓުތަކުގައި އުޅެނީ ދިވެހިން ކަމަށާއި އެމީހުން ނެރެ އެއްލާލަން ބޭނުން ނުވާ ކަމަށެވެ.
ހުޅުމާލޭގައި އަލަށް އެޅި ފްލެޓުތަކަށް މީހުން ހޮވާފައިވާއިރު ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންނާއި އާއިލާގެ ބޭފުޅުންނަށް ފްލެޓު ލިބުނު ކަމަށް އަޑުފެތުރިފައިވެއެވެ. އަދި ޕޮއިންޓު ދިން އިރު ވަރަށް ދަށް ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓު ލިބިފައިވާއިރު މަތިން ލިބުނު އެތައް މީހުނެއް ވަނީ ބާކީކޮށްލާފައެވެ.
ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ އެފަދަ މައްސަލަތަކެއް ދިމާވެފައިވާކަން އެނގިފައިވާ ކަމަށާއި އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށެވެ. އަދި ފައިނަލް ލިސްޓު އާންމުކުރާއިރު އެކަން ރަނގަޅު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.