Last Updated: April 25, 18:10
Thursday, April 25, 2024
ކުޅިވަރު

މިލާން އަތުން ޔުވެންޓަސް މޮޅުވިއިރު އިންޓަ ބަލިވެއްޖެ

މިލާން ކޮޅަށް ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އޭސީ މިލާން އަތުން 2-0 އިން ޔުވެންޓަސް މޮޅުވިއިރު އެޓަލާންޓާ އަތުން 4-1 އިން ބަލިވެ އިންޓަ މިލާންގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު އެއްވަނައިގައި އުޅޭ ޔުވެންޓަސް އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. އިންޓަ އަށް 25 ޕޮއިންޓް ލިބިފައިވާއިރު ލާޒިއޯ ވަނީ 22 ޕޮއިންޓް ހަމަކޮށް ހަތަރުވަނައަށް ޖެހިލައިފައެވެ. ޔުވެންޓަސް އަތުން ބަލިވެ މިލާން ވަނީ 21 ޕޮއިންޓާއެކު ފަސްވަނައަށް ވެއްޓިފައެވެ.

މިލާންގެ ސެންސީރޯގައި ރޭ ކުޅުނު މެޗުގެ 8 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ކްރޮއޭޝިއާގެ އިތުބާރު ފޯވާޑް މާރިއޯ މަންޒުކިޗް އެވެ. މިއީ އެޓީމަށް ކުޅޭ ބްރެޒިލްގެ ފުލްބެކް އަލެކްސް ސެންޑްރޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މަންޒުކިޗް ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި މިލާންގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޔުވެންޓަސްގެ ޑިފެންޑަރު މެހްދީ ބެނާޓިއާގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ މިލާންގެ ހިގުއައިން ފޮނުވާލުމުން ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައެވެ. މިހާފު ނިމުނީ 1-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންގޮސްފައިވާއިރު އެންމެ ގިނަ ފުރުޞަތު ލިބުނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އެގޮތުން، އޭނާ ފޮނުވާލި ދެހަމަލާއެއް މިލާންގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެވަނަ ލަނޑުޖަހައިދީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ރޮނާލްޑޯ އެވެ.

އޭގެ ދެމިނެޓުފަހުން، ކުރީން ޔުވެންޓަސް އަށް ކުޅުނު ހިގުއައިން ކުރި ފައުލަކަށް ރެފްރީ ރީނދޫ ކާޑު ދެއްކުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީ އަށް އޭނާ ފާޑުކިއުމުން ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ލީގުގައި އިއްޔެ ރަށުން ބޭރުގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ ބަލިވީ 4-1 އިންނެވެ. މިމެޗުގައި އިންޓަގެ ހަމައެކަނި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މައުރޯ އިކާޑީ އެވެ. އެޓަލާންޓާގެ ލަނޑުތައް ޖަހައިދިނީ ހަންސް ހަޓެބޮއާ އާއި ޖިއަންލޫކާ މަންޗީނީ އަދި ބެރަޓް ޖިމްސީޓީގެ އިތުރުން ކެޕްޓަން އަލެހަންދްރޯ ގޯމޭޒް އެވެ. އިންޓަގެ މާސެލޯ ބްރޮޒޮވިޗް އަށް ރަތް ކާޑު ދެއްކުމުން އެޓީމުން މިމެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސަމްޕްޑޯރިއާ އަތުން 4-1 އިން އޭއެސް ރޯމާ މޮޅުވިއިރު ސަސުއޮލޯ އާ ދެކޮޅަށް ލާޒިއޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.