Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

މަޖިލިސް އުވާލި މައްސަލަ ލަންކާ ކޯޓަށް

ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ ހުކުރު ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލި މައްސަލަ ބާތިލުކުރުމަށް ލަންކާގެ ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

ރައީސް ސިރިސޭނާ މަޖިލިސް އުވާލުމުގެ ގަރާރުގައި ސޮއިކުރީ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެކަން ކަށަވަރުވުމުންނެވެ. ގަރާރުގައި ސޮއިކޮށް ގެޒެޓުގައި ޝާއިއިކުރުމާއެކު ލަންކާގެ މަޖިލިސް ވަނީ އުވިގެން ގޮސްފައެވެ.

ނަމަވެސް މި ނިންމުން ބައިނަލްއަގުވާމީ ބަސްވިކޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ނިންމުމަކަށް ވެގެން ގޮސްފައެއް ނުވެއެވެ. އެގޮތުން އެންމެ ފުރަތަމަ ދެކޮޅަށް ބަސް ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަނުންނެވެ. އީޔޫ އިން ވަނީ އެ ނިންމުމަކީ ޑިމޮކްރަސީގެ އަސާސުތަކާއި ޚިލާފު ނިންމުމެއް ކަމަށާއި ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

އެމެރިކާ އިން ވެސް ވަނީ ޑިމޮކްރަސީއާ ދެކޮޅަށް މަޖިލިސް އުވާލުން ގަބޫލުނުކުރެވޭނެ ކަން ހާމަކޮށްފައެވެ. އެމެރިކާއިން ވަނީ ޑިމޮކްރަސީއަށް އިހުތިރާމް ކުރުމަށް ގޮވާލައި، ލަންކާގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލި ނުކުރުމަށް ރައީސް ސިރިސޭނާއަށް ގޮވާލާފައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލްއާއި ރައީސް ސިރިސޭނާއާ ދެމެދު ޚިޔާލު ތަފާތުވެ، ރަނިލް މަގާމުން ވަކިކުރުމަށް ފަހު ކުރީގެ ރައީސް ރާޖަޕަކްސަ މަގާމަށް އައްޔަން ކުރުމާއެކު ލަންކާގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑު ޚިޔާލުތަފާތުވުންތައް އުފެދި މުޒާހަރާތައް ވަނީ އާންމުވާން ފަށާފައެވެ.