Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ނަޝީދު އުޅުއްވަނީ ރާއްޖޭގެ ބޮޑުވަޒީރަށް ވުމަށް: އުމަރު

ފޮޓޯ-ވީނިއުސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމަށް އައުމުގެ މަސައްކަތް ކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "ވަން" އަށް އުމަރު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ނަޝީދު ރަށް ރަށަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނީ ބޮޑުވަޒީރުގެ މަގާމު ހޯއްދެއްވުމުގެ މަގު ފަސޭހަ ކުރުމަށް ކަމަށެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައިވާ ނަޝީދަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވީ ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ބޮޑުވަޒީރު ކަމުގެ މަގާމު ހޯދުން ކަމަށެވެ.

އަދި އެމަނިކުފާނު މަޖިލީހަށް ވެސް ކުރިމަތިލައްވާނެ ކަމަށާއި އެމަނިކުފާނު ފަހަތްޕުޅަށް އަރާނެ ބަޔަކު ހޯއްދަވަމުން ގެންދަވާ ކަމަށް އުމަރު ނަސީރު ތުހުމަތުކޮށްފައިވެއެވެ.

އުމަރު ނަސީރު ވަނީ ރައީސް ނަޝީދު ބޮޑުވަޒީރުކަމުގެ މަގާމު ކިތަންމެ ވަރަކަށް ބޭނުންފުޅު ވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ބޮޑުވަޒީރުގެ މަގާމު އުފެއްދޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ކަމަށާއި އެއީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

އިދިކޮޅު ހަތަރު ޕާޓީއެއް ގުޅިގެން ކޯލިޝަނެއް އުފައްދާފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށްފައިވަނީ ނަޝީދު އެކަންޏެވެ. ކުރީގެ ރައީސް މައުމޫން ވަނީ ބަރުލަމާނީ ނިޒާމަކަށް ވުރެ ރާއްޖެއަށް ފައިދާ ބޮޑީ ރިޔާސީ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ.