Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރުމާއި ގުޅިގެން ހިފަހައްޓާފައިވާ މުސާރަ އެ މެމްބަރުންނަށް ދޭން މަޖިލީހުން ފަށައިފިއެވެ.

ގޮނޑި ގެއްލިފައިވާކަމަށް އީސީ އިން ކަނޑައަޅާފައިވާ މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހްމަދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

މި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައި ވަނީ އެކި ދުވަސްތަކުގައި ކަމުން، ހިފަހައްޓާފައިވާ މުސާރަ އެކި ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ ވެސް އެކި މިންވަރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 62،500ރ. ލިބިވަޑައިގަންނަވައެވެ. އެހެންނަމަވެސް، މެމްބަރުންގެ ކޮމެޓީ އެލަވެންސް ނުދޭ ކަމަށް މަޢުލޫމާތު ލިބެއެވެ. ކޮމެޓީތަކަށް މެމްބަރުން ހާޒިރުވެވަޑައިގަންނަވާ ނަމަ ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ. މެމްބަރުންނަށް ލިބިވަޑައިގަންނަވައެވެ.