ޖުވެނައިލް ކޯޓުގެ ފަނޑިޔާރުގެ ބެންޗަށް އަރާ، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ބަޔަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ފޮޓޯތައް ނަގާފައި ވަނީ ޖުވެނައިލް ކޯޓަށް ހެކިބަސް ނެގުމަށް ގެންދިޔަ ޒުވާނުންތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނުންތައް ވަނީ ފަނޑިޔާރުންނަށް ޚާއްސަކޮށްފައިވާ ގޮނޑިކޮޅުތަކުގައި އިށީނދެ ތިބެ އާއި ފަނޑިޔާރުންގެ ބެންޗަށް އަރައި، ބެންޗުގައި އެކި ގޮތް ގޮތަށް ތިބެގެން ފޮޓޯ ނަގާފައެވެ. އަދި އެމީހުން ފޮޓޯތައް ނެގިއިރު ޝަރީއަތްކުރާ މަޖިލިސް ތެރޭގައި ކޯޓުގެ އެއްވެސް މުވައްޒަފަކު ވެސް ހުރިތަން ނުފެނެއެވެ.
އާންމުކޮށް ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހު ކަމަށްވާއިރު، އެ ފޮޓޯތައް އެ ޒުވާނުން ނަގާފައި ވަނީ ކިހިނެތް ކަމެއް ސާފެއް ނުވެ އެވެ.
މި ފޮޓޯތައް އާންމުވުމާއެކު ޝަރުޢީ ކޯޓުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އެކަން ތަހުޤީޤު ކުރުމަށް ގިނަ ބަޔަކު ވަނީ ފުލުހުންނަށް ވެސް ގޮވާލާފައެވެ.