Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ފަނޑިޔާރުންގެ ބެންޗުގައި ނެގި ފޮޓޯތަކާއި ބެހޭގޮތުން މަހުލޫފް: އަޅުގަނޑު ހައިރާނެއް ނުވޭ

ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަރާ، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ބަޔަކު ފޮޓޯތަކެއް ނެގި ކަމާމެދު އެއްވެސް ގޮތަކަށް ހައިރާންވެވަޑައެއް ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ގޭންގްތަކާއި ބައެއް ފަނޑިޔާރުންނާއި އޮންނަ ގުޅުންތަކަކީ ސިއްރެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތަށްޓަކައި އަދި އެ ޒުވާނުން ކުށްކުރުމުން ދުރުކުރުމަށް އެފަދަ ފަނޑިޔާރުން މަޤާމުން ވަކިކުރަން ޖެހޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ގޭންގް މާރާމާރީތައް ހުއްޓުވުމަކީ މި ސަރުކާރުން ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް"، މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޖުވެނައިލް ކޯޓަށް ހެކިބަސް ނެގުމަށް ގެންދިޔަ ޒުވާނުންތަކެއް ކޯޓުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނުންތައް ވަނީ ފަނޑިޔާރުންނަށް ޚާއްސަކޮށްފައިވާ ގޮނޑިކޮޅުތަކުގައި އިށީނދެ ތިބެ އާއި ފަނޑިޔާރުންގެ ބެންޗަށް އަރައި، ބެންޗުގައި އެކި ގޮތް ގޮތަށް ތިބެގެން ފޮޓޯ ނަގާފައެވެ. އަދި އެމީހުން ފޮޓޯތައް ނެގިއިރު ޝަރީއަތްކުރާ މަޖިލިސް ތެރޭގައި ކޯޓުގެ އެއްވެސް މުވައްޒަފަކު ވެސް ހުރިތަން ނުފެނެއެވެ.

މި ފޮޓޯތައް އާންމުވުމާއެކު ޝަރުޢީ ކޯޓުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އެކަން ތަހުޤީޤު ކުރުމަށް ގިނަ ބަޔަކު ވަނީ ފުލުހުންނަށް ވެސް ގޮވާލާފައެވެ.