Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރާނަން: ރައީސް އިބޫ

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

އިންތިޚާބުވި ރައީސްގެ ހައިސިއްޔަތުން ދިވެހި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުން ކަމަކީ، ދައުލަތެއްގެ ހަގީގީ ވެރިންނަކީ އެ ދައުލަތުގެ ރައްޔިތުން ކަމާއި އެ ހައްގު އެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި އިބޫ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޖުމުހޫރިއްޔަތުގެ އެންމެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ހައްގުތައް ކަމަށާއި، ވެރީންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށެވެ. އަދި ދިވެހި އެންމެހާ ރައްޔިތުންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ޚާދިމުގެ ގޮތުގައި ހުރެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށް އިބޫގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ކަން ކުރަން ޖެހޭ އުސޫލާ ޚިލާފަށް ކަން ހިނގާނަމަ، އެއާ ދެކޮޅަށް ބަސް ބުނެ ގޯސްކޮށް ހިނގާ ކަން އިސްލާހު ކުރުމަކީ ވެސް ރައްޔިތުންނަށް ލިބިފައިވާ ޙައްގެއް ކަމަށާއި އެ ރައްޔިތުންގެ ބަސް އެހުމަކީ ވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ގައުމުގެ އަދުލު އިންސާފު ގާއިމުކުރުމަކީ ވެރިޔާގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ދެކިގެން އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް އިބޫ ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

ޖުމުހޫރީ ދުވަހުގެ ގޮތުގައި މީގެ 50 އަހަރު ކުރިން، 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކޮންމެ އަހަރަކު ޖުމުހޫރީ ދުވަސް ފާހަގަކުރަމުން އާދެއެވެ.

ނާސިރުގެ ވެރިކަމަށް 10 އަހަރު ފަހުން ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިވެހި ޖުމުހޫރިއްޔާގެ ރައީސް ކަމުގެ ހުވާ ކުރެއްވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. 30 އަހަރު ދިވެހި ރާއްޖޭގެ ރައީސްގެ މަގާމު ފުރުއްވުމަށް ފަހު މައުމޫން ވެރިކަން ދޫކުރެއްވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވުމުންނެވެ. ނަޝީދަށް ފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވި ނަމަވެސް އިންތިޚާބު ފަސް ކުރަން ޖެހި، ނޮވެމްބަރު 11 ވަނަ ދުވަހު އެމަނިކުފާނަށް މަގާމުގެ ހުވާ ނުކުރެވުނެވެ. ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.