ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމާ ގުޅިގެން، މަޖިލީހުން ހިފެހެއްޓި މެމްބަރުންގެ ފައިސާއާއި އިނާޔަތްތައް އެއްކޮޅަކާ ޖަމާކޮށްދީފިއެވެ.
މެމްބަރުން މުސާރަ ޖަމާކޮށްދީފައިވާކަން ކަށަވަރުކޮށްދީފައިވާއިރު މަޖިލީހުން ވަނީ އެމެމްބަރުންނަށް ލިބެންވާ އިނާޔަތުގެ ފައިސާ ވެސް މުސާރައާއެކު ޖަމާ ކޮށްދީފައެވެ. ގިނަ މެމްބަރުންނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ، މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިފައިވާއިރު، ކޯލިޝަނުން ވަނީ މެމްބަރުން އުފުލި ބުރައިގެ އަގު ވަޒަން ކުރުމަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއާ ނުލާ މެމްބަރުންނަށް ޓިކެޓު ދިނުމަށް ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް ހުށައެޅި ގަރާރުގައި ސޮއިކުރުމުން ޕީޕީއެމުން ވަކިކުރިކަން އިއުލާންކޮށް އެންމެ ފުރަތަމަ ގޮނޑި ގެއްލުނުކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ ހަތަރު މެމްބަރުންނެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު(ވައްޑެ)، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންއެވެ.
އޭގެ ފަހުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ތިނަދޫ އުތުރާއި ދެކުނު ދާއިރާގެ ދެ މެބްރުން ކަމަށްވާ ސައުދުﷲ ހިލްމީ އަދި އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލުނުކަން އިއުލާން ކުރިއެވެ.
އެއަށްފަހު އެންމެ ފަހުން ގޮނޑި ގެއްލުނު ކަމަށް އިއުލާން ކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީއެވެ. އެ ދެމެމްބަރުންނަށް ވެސް 11 މަސް ދުވަހުގެ މުސާރަ ހިފެހެއްޓިފައިވާއިރު ދެ މެމްބަރުންނަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިގެންދާނެއެވެ.
މަޖިލީހުގެ މެމްބަރެއް މުސާރައިގެ ގޮތުގައި، އިނާޔަތްތައް ލައިގެން 79،500ރ. މަހެއްގެ މައްޗަށް ލިބޭނެއެވެ. މިއީ ޕެންޝަނަށް މެމްބަރުންނަށް ކަނޑަން ޖެހޭ ފައިސާ ކެނޑުމަށް ފަހުގައިވެސް ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ އިނާޔަތްތައް މެމްބަރުންނަށް ހުރެއެވެ.