Last Updated: August 22, 06:27
Friday, August 22, 2025
ޚަބަރު

ޖުމުހޫރީ ދުވަސް ފާހަގަނުކުރުމުން ކަންބޮޑުވޭ: މައުމޫން

ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާއަށް ސަރުކާރުގެ އިސް ބޭފުޅުން ވަޑައިނުގެންނެވުމުން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ދިވެހި ސަރުކާރުން ގައުމިއްޔަތު ވަޒަންކުރާ ގޮތަކީ މިއީތޯ ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ރޭގެ ޖަލްސާއަށް ރައީސް ޔާމީން ވަޑައިގެންފައިނުވާއިރު އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެންމެ މިނިސްޓަރަކު ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

"ދެވަނަ ޖުމުހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންގެ ބައިވެރިވުން މަދުކަމުން ނުހަނު ކަންބޮޑުވެއްޖެ. ކެބިނެޓުގެ އެންމެ ވަޒީރެއްވެސް، އަދި ރައީސުލް ޖުމުހޫރިއްޔާ ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވޭ. މިއީތޯ އަޅުގަނޑުމެން ސަގާފަތް އާލާ ކުރާ ގޮތަކީ؟" ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީނާއި ވަޒީރުން ބައިވެރިވެވަޑައިގެންފައި ނުވާއިރު ރައީސް ޔާމީން މިފަހަރުގެ ޖުމުހޫރީ ދުވަހު ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެއްވެސް ނުވެއެވެ. އަދި ފާއިތުވެދިޔަ ގައުމީ ދުވަހު ވެސް ރައީސް ޔާމީންގެ ބަސްފުޅެއް އިވިފައެއް ނުވެއެވެ.