ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނާޒިމް ރާއްޖެ ވަޑައިގަތުމަށް ފަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފިއެވެ.
ނާޒިމްގެ އެޕާޓުމެންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލައި، 11 އަހަރުގެ ޖަލު ހުކުމަކުން ސަލާމަތްވެ، ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
ނާޒިމް މިނިވަން ވުމަށް ފަހު ގައުމަށް އެނބުރި ވަޑައިގެން އެންމެ ފުރަތަމަ ވެސް ރައީސް އިބޫއާ ބައްދަލުކުރައްވާފައިވާއިރު ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، އިބޫގެ ވެރިކަން ދެމެހެއްޓުގެ މުހިންމު ކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
ނާޒިމް ވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިނިވަންކަމުގެ އިހުސާސު ކުރެވިފައިވާ ކަމަށާއި އޭނާގެ ދިފާއުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.