Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވަން: ރިޒާ

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެމްބަރުގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ މެމްބަރު ކަމުން ރިޒާ ވަކިކުރަން ހުށައަޅާފައިވާއިރު މިއަދުގެ ޖަލްސާގައި އޭނާއަށް ވަނީ ޖަވާބުދާރީ ވުމަށް 15 މިނެޓުގެ ފުރުސަތެއް ރިޔާސަތުން އަރުވާފައެވެ. އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ ހަތަރު އަހަރު ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވިއިރު ދުވަހަކުވެސް މަގާމާއި ނުފޫޒު ބޭނުންކޮށްގެން ނިންމުމަކަށް ބަދަލެއް ގެނައުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.

މީގެ އިތުރުން މިމައްސަލަ ހުށައަޅުއްވަމުން، ޖޭއެސްސީގެ މެމްބަރަކަށް ހުންނަވައި މައްސަލަތަކުގައި ވަކާލާތުކުރުމަށް ރިޒާ ވަޑައިގެންފައިވާ ކަމަށާއި އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެފައިވެއެވެ. އެވާހަކަތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ޖޭއެސްސީގެ މެމްބަރަކަށް އައްޔަން ކުރެއްވި ނަމަވެސް އޭނާއަކީ ގާނޫނީ ވަކީލެއް ކަމަށެވެ.

އަދި މައްސަލަތަކުގައި ވަކާލާތު ކުރަން އޭނާއަށް ކޮމިޝަންގެ މެމްބަރަކަށް ހުރުމަކުން ހުރަހެއް ނެތް ކަމަށާއި އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ވެސް އެއްވެސް ގާނޫނެއް، ގަވާއިދެއްގައި ލިޔެވިފައި އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

އަދި މިފަދަ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އޭނާ މަގާމުން ވަކިކުރަން ހުށައެޅުމުން ހިނި އާދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ 7 އަހަރު ކުރިން ޖޭއެސްސީގެ މެމްބަރު ކަމުގައި ހުންނެވި މަރްހޫމް ޑރ. އަފްރާޝީމް އަލީ މަގާމުން ވަކިކުރުމަށް ވެސް އެމްޑީޕީން ހުށައެޅި ކަމަށާއި އޭރުވެސް އަދި މިއަދުވެސް މައްސަލަ ހުށައެޅީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.