Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

ރިޒާ ޖޭއެސްސީން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ރިޒާ މަގާމުން ވަކިކުރުމަށް މަޖްލިސްއިން ފާސްކޮށްފިއެވެ.

ރިޒާ މަގާމުން ވަކި ކުރަން ނިންމީ މިއަދު ބޭއްވި މަޖްލިސްގެ ޖަލްސާގައި ޖަލްސާއަށް ހާޒިރުވި 42 މެމްބަރުންގެ ވޯޓާއިއެކުއެވެ. ރިޒާ އާއި އެއްކޮޅަށް 24 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

ކޮރަޕްޝަންގެ ތުހުމަތު ތަކަކާއި އެކު ރިޒާ ވަކިކުރުމުގެ މައްސަލަ މަޖްލިސްއަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

ރިޒާ ވަކިކުރުމަށް ހުށަހެޅުއްވި ސިޓީގައި ނާޒިމް ވިދާޅުވީ ޖޭއެސްސީގައި ރިޒާ ހުންނަވައި ޤާނޫނުން ލާޒިމްކުރާ މަސްއޫލިއްޔަތު އަދާ ކުރަމުން ނުދާކަމަށެވެ. ގިނަ ފަނޑިޔާރުންނާއި ގާތް ގުޅުމެއް އޮންނަ ރިޒާ ވަކީލެެއްގެ ގޮތުން ބޮޑު އަގުގައި ވަކާލާތު ކުރައްވާކަމަށްވެސް ނާޒިމް ހުށަހެޅުއްވި މައްސަލާގައިވެއެވެ.

ނާޒިމްގެ ސިޓީގައި ވިދާވެފައިވާ ގޮތުގައި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެއްލެވުމާއި ފިޔަވަޅު އެޅުއްވުމުގައި ރިޒާ ވަނީ ހަމަ އާއި އިންސާފުން އެއްކިބާވެވަޑައިގެންފަ އެވެ.

ރިޒާ މިއަދު މަގާމުން ވަކިކުުރުމުގެ ކުރިން ޖަވާބުދާރީވުމަށް 15 މިނިޓުގެ ވަގުތުކޮޅެއް ވަނީ ދީފައެވެ. އެވަގުތުގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ ހަތަރު އަހަރު ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވިއިރު ދުވަހަކުވެސް މަގާމާއި ނުފޫޒު ބޭނުންކޮށްގެން ނިންމުމަކަށް ބަދަލެއް ގެނައުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.

މީގެ އިތުރުން މިމައްސަލަ ހުށައަޅުއްވަމުން، ޖޭއެސްސީގެ މެމްބަރަކަށް ހުންނަވައި މައްސަލަތަކުގައި ވަކާލާތުކުރުމަށް ރިޒާ ވަޑައިގެންފައިވާ ކަމަށާއި އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެފައިވެއެވެ. އެވާހަކަތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ޖޭއެސްސީގެ މެމްބަރަކަށް އައްޔަން ކުރެއްވި ނަމަވެސް އޭނާއަކީ ގާނޫނީ ވަކީލެއް ކަމަށެވެ.

އަދި މައްސަލަތަކުގައި ވަކާލާތު ކުރަން އޭނާއަށް ކޮމިޝަންގެ މެމްބަރަކަށް ހުރުމަކުން ހުރަހެއް ނެތް ކަމަށާއި އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ވެސް އެއްވެސް ގާނޫނެއް، ގަވާއިދެއްގައި ލިޔެވިފައި އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް ރިޒާ ވިދާޅުވިއެވެ.