2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހަކަށް ނުބައި ދައުވާއެއް ކޮށްފައިވާތީ އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
މޭޑޭ މުޒާހަރާގައި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހަތް އަހަރު ދުވަހަށް ޖަލަށްލާފައި ވަނީ ސ. ހުޅުދޫ، އޮސްޓްރޭލިއާ، އިބްރާހިމް އިބާދު އެވެ.
އިބާދުގެ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިބާދުގެ ޖަލު ޙުކުމް ހައި ކޯޓުން ބާތިލްކުރީ އޭނާއަށް ކޮށްފައިވާ ދައުވާ އާއި ހުކުމް ގޯސްވެގެން ކަމަށެވެ. އިބާދުގެ މައްޗަށް އުފުލީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ދައުވާ އެވެ. ނަމަވެސް އޭނާގެ މައްޗަށް ދަށު ކޯޓުން ޙުކުމްކޮށްފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާ ސާބިތުވެގެންނެވެ.
އިބާދަކީ މޭޑޭ މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެއްކޮށް މިނިވަންވި ފުރަތަމަ މީހާއެވެ. އެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް ދޫކޮށްފައިވާ މީހުން ދޫކޮށްލާފައި ވަނީ ޕެރޯލްގެ ދަށުންނެވެ.