ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަރާ، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ބަޔަކު ފޮޓޯތަކެއް ނެގި މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ފޮޓޯތައް ނަގާފައި ވަނީ ޖުވެނައިލް ކޯޓަށް ހެކިބަސް ނެގުމަށް ގެންދިޔަ ޒުވާނުންތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނުންތައް ވަނީ ފަނޑިޔާރުންނަށް ޚާއްސަކޮށްފައިވާ ގޮނޑިކޮޅުތަކުގައި އިށީނދެ ތިބެ އާއި ފަނޑިޔާރުންގެ ބެންޗަށް އަރައި، ބެންޗުގައި އެކި ގޮތް ގޮތަށް ތިބެގެން ފޮޓޯ ނަގާފައެވެ. އަދި އެމީހުން ފޮޓޯތައް ނެގިއިރު ޝަރީއަތްކުރާ މަޖިލިސް ތެރޭގައި ކޯޓުގެ އެއްވެސް މުވައްޒަފަކު ވެސް ހުރިތަން ނުފެނެއެވެ.
އާންމުކޮށް ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހު ކަމަށްވާއިރު، އެ ފޮޓޯތައް އެ ޒުވާނުން ނަގާފައި ވަނީ ކިހިނެތް ކަމެއް ސާފެއް ނުވެ އެވެ.
މިކަމާއި ބެހޭގޮތުން ޑީޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝަރުޢީ އެއްވެސް ކޯޓެއްގެ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދުގެ ދަށުން ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއް ކަމަށްވާތީ، އެ ޢަމަލު ކުށްވެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ކަރާމަތާއި ޤަދަރަށް އުނިކަން އަތުވެދާ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ ކަމަށެވެ.
އަދި އެ ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދުގެ ދަށުން ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލަކަށް ވާތީ، އެމައްސަލަ ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.