Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ނަޝީދާއި އިމްރާން އަކީ ޕާޓީގެ ރައީސުންގެ ގޮތުގައި ބަލައިގެންފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ - ފޮޓޯ: ޓްވިޓާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަކީ އެ ޕާޓީތަކުގެ ރައީސުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފި އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭ ގޮތަށް އެ ކޮމިޝަނުން ނިންމީ، ދެ ބޭފުޅުން ވެސް ޖަލު ބަންދުގައި ތިއްބެވި ބޭފުޅުންނަށް ނުވާތީ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމާއި އިމްރާނަކީ އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ނަޝީދަށް އެމްޑީޕީގެ ރައީސްކަން އަދި ޝެއިޚް އިމްރާން އަށް އަދާލަތު ޕާޓީގެ ރައީސްކަން ނުކުރެވޭނެ ކަމަށް އީސީ އިން މީގެ ކުރިން ކަނޑައެޅި ނަމަވެސް، އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ ދާދިފަހުން އަމުރުކޮށްފަ އެވެ. އެހެންކަމުން އެ ދެ ބޭފުޅުން ވެސް ވަނީ ވަގުތީގޮތުން މިނިވަންވެފަ އެވެ.