Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ބޭނުމުގައި ސަރުކާރުގެ މަޤާމަކަށް އުއްމީދުނުކުރައްވާތި: އަލީ ޒާހިރު

ކޮރަޕްޝަންގެ ނާޖާއިޒު ފައިދާ ހޯދުމުގެ ބޭނުމުގައި އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ މަޤާމަކަށް އުއްމީދުނުކުރެއްވުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް، އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާގެ އުއްމީދުގައި އެއްވެސް ބޭފުޅަކު އިބޫގެ ސަރުކާރުގެ އެއްވެސް މަޤާމަކަށް އުއްމީދުނުކުރެއްވުމަށް ދަންނަވާ ކަމަށެވެ.

"ކޮރަޕްޝަނަށް އާ ސަރުކާރުން އޮންނާނީ ޒީރޯ ޓޮލަރެންސް"، އަލީ ޒާހިރު ވިދާޅުވި އެވެ.

އަދި އެކަން އެގޮތަށް ކުރިއަށްގެންދިއުމަށް އެންމެން އެކުގައި ތެދުވެ، އަތުކުރި އޮޅާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ބަލައި ތަހުޤީޤު ކުރުމަށް ގުޅިފައިވާ އިއްތިހާދުން ވަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެފަ އެވެ. އަދި ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށް ވެސް އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ، އާ ރައީސް އިބޫ ވަނީ ވިދާޅުވެފަ އެވެ.