Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ޖޭއެސްސީއަށް މަޖިލީހުން މެމްބަރަކު ކަނޑައެޅުން މާދަމާ

މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ކަނޑައެޅުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުން ޖޭއެސްސީ އަށް މެމްބަރަކު ކަނޑައެޅުމަށް އެޖެންޑާކޮށްފައި މިވަނީ މިހާތަނަށް އެ މަޤާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، މަޤާމުން ވަކިކުރުމަށް މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން، އެ މަޤާމު ހުސްވެފައިވުމުގެ ސަބަބުންނެވެ. މިހާތަނަށް ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމްވެސް ފުރުއްވަމުން ގެންދެވީ ރިޒާ އެވެ.

މަޖިލީހުގެ ފަރާތުން ޖޭއެސްސީ އަށް މެމްބަރަކު ކަނޑައެޅުން މާދަމާ އަށް އެޖެންޑާކޮށްފައި ވާއިރު، އެ މަޤާމަށް ކުރިމަތިލައްވަނީ ކޮން މެމްބަރުންތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރިޒާ މަގާމުން ވަކި ކުރަން ނިންމީ މިއަދު ބޭއްވި މަޖްލިސްގެ ޖަލްސާގައި ޖަލްސާއަށް ހާޒިރުވި 42 މެމްބަރުންގެ ވޯޓާއިއެކުއެވެ. ރިޒާ އާއި އެއްކޮޅަށް 24 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

ކޮރަޕްޝަންގެ ތުހުމަތު ތަކަކާއި އެކު ރިޒާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.