Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

މަޖިލިސް މެމްބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް އިސްލާޙެއް ހުށަހަޅައިފި

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް ޤާނޫނު އަސާސީ އަށް އިސްލާޙު ގެނައުމަށް، ޕީޕީއެމްގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޤާނޫނު އަސާސީގެ 71 އަދި 72 ވަނަ މާއްދާ އަށް ޚަލީލް މިއަދު ހުށަހެޅުއްވި އިސްލާޙުގައިވާ ގޮތުން މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 2014 ވަނަ އަހަރު މަޖިލީހުގެ ދާއިރާތައް ބަހައި، ކަނޑައެޅި 85 މެމްބަރުންނެވެ.

އެގޮތަށް އެ އިސްލާޙު ފާސްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރެއް ނުކުރެވޭނެ އެވެ.

ޕީޕީއެމްގެ ފަރާތުން އެ އިސްލާޙު މިއަދު މަޖިލީހަށް ހުށަހެޅިއިރު، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ ދާއިރާއެއް މަޖިލީހަށް އިތުރުކުރުމަށް ކަނޑައަޅާއި، އިލެކްޝަންސް ކޮމިޝަން (އީސި) އިން ވަނީ އެކަން އިއުލާން ކޮށްފައެވެ.

މަޖިލީހަށް މެމްބަރުން އިތުރު ނުކުރެވޭނެ ގޮތަށް މިއަދު އިސްލާޙެއް ހުށަހަޅާފައި ވާއިރު، މަޖިލީހުގެ މެމްބަރުންގެ އަދަދު އެއް ދައުރުން އަނެއް ދައުރަށް އިތުރުވަމުންދާތީ، އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.