Last Updated: June 9, 10:37
Tuesday, June 9, 2026
ޚަބަރު

ޖޭއެސްސީއަށް އައްޔަން ކުރަން އިދިކޮޅުން ހަތަރު ނަމެއް ފޮނުވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެމްބަރަކަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ހަތަރު ނަމެއް ފޮނުވައިފިއެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އެމްއާރުއެމް އިން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި ޖުމުހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރުގެ ނަން ވަނީ ފޮނުވާފައެވެ.

ޕާޓީތަކުން ނަން ފޮނުވާފައިވާއިރު އިއްތިހާދުގެ ފަރާތުން މެމްބަރު ކަމަށް ކުރިމަތިލައްވާ ބޭފުޅަކު އައްޔަން ކުރަން މިރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖޭއެސްސީގެ މެމްބަރު ކަމުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، މިއަދު މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކޮށްފައިވާއިރު، އޭނާ އިންސާފުން އެއްކިބާވެ މަގާމުގެ ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވުނެއެވެ.