ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ ކޯލިޝަނެއްގެ ބައިވެރިވުމާއެކު ކަން އެމަނިކުފާނު ހަނދުމަފުޅު ނުނައްތަވާނެ ކަމަށާއި އެހެންނަމަވެސް ކެބިނެޓަކީ ކޯލިޝަނުގެ އަމިއްލަ އެއްޗެއް ނޫން ކަން އެންމެ ބޭފުޅުން ވެސް ހަނދުމަފުޅު ބެހެއްޓެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައެވެ.
ނަޝީދު މިއަދު އއ. އުކުޅަހަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކެބިނެޓު އިޚްތިޔާރު ކުރުމަކީ ގާނޫނު އަސާސީ އިން ރައީސަކަށް އިންތިޚާބުވާ ބޭފުޅަކާ ހަވާލުކުރެވިފައި އޮތް ޒިންމާއެއް ކަމަށެވެ.
މީގެ އިތުރުން، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ ކޯލިޝަނަކުން ކަން އެއްވެސް ފަރާތަކަށް އޮޅިވަޑައިނުގަންނަވާނެ ކަމަށާއި ރައީސްއަށް ވެސް އެކަން އޮޅިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިބޫގެ ކެބިނެޓުން ކޯލިޝަންގެ ހުރިހާ ޕާޓީއަކަށް ފުރުސަތު ދީފައިވާއިރު ޕާޓީތަކަށް ވަނީ ވުޒާރާތަކާއި ނަންތައް ފޮނުވުމުގެ ފުރުސަތު ދެއްވާފައެވެ. 22 މިނިސްޓްރީއެއް އުފައްދާނެ ކަމަށް ކުރިން އަޑު ފެތުރިފައި ވި ނަމަވެސް މިހާރު ޚަބަރު ލިބޭ ގޮތުގައި އިބޫގެ ސަރުކާރުގައި ހުންނާނީ 19 މިނިސްޓްރީއެކެވެ.