Last Updated: June 9, 10:37
Tuesday, June 9, 2026
ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރ ޝާހިދުވެސް މަޖިލީހަށް

އަައްޑޫ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު.

އައްޑޫ ސިޓީގެ ފުރަތަމަ ކައުންސިލް އިންތިޚާބުގައި މީދޫ ގޮނޑި ކާމިޔާބުކުރެއްވި ހަސަން ޝާހިދު އަންނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ޑެޕިއުޓީ މޭޔަރަށް ހުންނެވި ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަން އިއުލާން ކޮށްފައިވާއިރު މީދޫ އާއި މަރަދޫފޭދޫ އެއް ދާއިރާއަކަށް ހަދައި، އެ ދާއިރާ ހިނގަމުންދާ މަޖިލީހުގައި ތަމްސީލު ކުރައްވަނީ ރޮޒެއިނާ އާދަމްއެވެ.

ރަސްމީކޮށް ރޮޒޭ އަދި އިންތިޚާބަށް ނިކުންނާނެ ކަން ހާމަ ކޮށްފައިނުވި ނަމަވެސް ކުރިއަށް އޮތް މަޖިލިސް ޕްރައިމަރީގައި ހަމަ އެދާއިރާގައި އެމްޑީޕީ އިން ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.

ޝާހިދު ޕްރައިމަރީގައި ވާދަ ކުރައްވަން ގަސްދުކުރުމާއެކު ރޮޒެއިނާ ވަނީ ޝާހިދަށް މަރުހަބާ ދަންނަވާފައެވެ.

ފުރަތަމަ ދައުރު ހަމަވުމަށް ފަހު ޝާހިދު ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންފައިވާއިރު އޭނާ ވަނީ މީދޫ ދަނޑުވެރިންގެ ޖަމިއްޔާއެއް އުފައްދަވައި އެ ޖަމިއްޔާގެ އިސް ބޭފުޅެއްގެ މަގާމު އަދާކުރައްވަމުންނެވެ.