Last Updated: June 9, 10:38
Tuesday, June 9, 2026
ދުނިޔެ

ސޫ ޗީ އަށް އެމްނެސްޓީން އެރުވި އެވޯޑު އަތުލައިފި

REUTERS

މިޔަންމާގެ ލީޑަރ އަންގ ސަން ސޫ ޗީ އަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އެރުވި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ އެންމެ ޝަރަފުވެރި އެވޯޑު އޭނާގެ އަތުން އަތުލައިފިއެވެ.

ސޫ ޗީގެ މިޔަންމާ ސަރުކާރުން އެ ގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމާއި އެ މުސްލިމުން ގައުމުން ފައްސާލުމުގައި ސޫ ޗީ ގެ ފަރާތުން ފެނުނު އަމަލުތަކަކީ އޭނާ ކުރިން ތެދުވުނު ހުރިހާ އަސާސްތަކާ ޚިލާފު ކަންތައްތައް ކަމަށް އެމްނެސްޓީ އިން ވަނީ ބުނެފައެވެ.

ސޫ ޗީ އަށް 'އެމްބެސެޑާ އޮފް ކޮންޝަންސް' އެވޯޑު އެމްނެސްޓީ އިން އެރުވީ 2009 ވަނަ އަހަރުގައެވެ. އޭރު ސޫ ޗީ ހުންނެވީ ޑިމޮކްރަސީގެ ހައްގުގައި ތެދުވުމުން އެތައް ދުވަހެއް ވަންދެން ޖަލަށް ލުމަށް ފަހު ގޭބަންދަށް ދޫކޮށްފައެވެ.

ރޮހިންޖާ މުސްލިމުންނަށް މިޔަންމާ ސިފައިން ހިންގި ލާއިންސާނީ އަމަލުތައް ސޫ ޗީ ވަނީ ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އޭގެ ސަބަބުން އޭނާއަށް ކުރިން އަރުވާފައިވާ އެތައް ޝަރަފަކާއި އެވޯޑެއް ވަނީ އަތުލާފައެވެ.