އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ލޯނު ދެއްކުމަށް 4.8 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށާއި އޭގެ ސަބަބުން އަންނަ އަހަރު އާ ސަރުކާރަށް ޕީއެސްއައިޕީ ޕްރޮޖެކްޓު ހިންގުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ފައިނޭންސް އެންޑް ޓްރެޝަރީ ކޮމެޓީން ބުނެފިއެެވެ.
ފައިނޭންސް އެންޑް ޓްރެޝަރީ ކޮމެޓީން ކުރިއަށް ގެންދާ ނޫސް ކޮންފަރެންސްގައި އެކޮމިޓީގެ މެމްބަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ބަޖެޓުން ފަސް ބިލިއަނާއި ކައިރި އަދަދަކަށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
އަމީރު ވިދާޅުވީ ބަޖެޓު އެކުލަވާލުމުގައި ފިނޭންސްގެ ޓެކްނިކަލް ސްޓާފުންގެ އެހީތެރިކަން ލިބުނު ނަމަވެސް ސައްހަ މައުލޫމާތު ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އަދި މީގެ އެންމެ ސައްހަ މައުލޫމާތު ލިބޭނީ މިނިސްޓްރީ އާއި ހަވާލުވެގެން ކަމަށެވެ.
އަމީރު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ހިންގުމަށް ހާއްސަ އިސްކަމެއްދީގެން ބަޖެޓު ތެރެއިން ކުރިއަށް ގެންދާނެކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ ގޮތަށް އެ މަޝްރޫއު ހިންގުމަށް ބަޖެޓުގައި ފައިސާ ހިމެނިފައި ނުވަނީ ލޯނު ތަކަށް ދައްކަން ޖެހޭ ފައިސާ ގިނަ ކަމުން ކަމަށެވެ.
މީގެ އިތުރުންވެސް މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލްތަކުގެ ފައިސާ އަންނަ އަހަރުގެ ބަޖެޓުން ދައްކަން ޖެހޭއިރު އެ އަދަދު އިތުރަށް ބޮޑުވެގެން ގޮސްދާނެކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ 29 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އަކީ 23 ބިލިއަންއެވެ.