ހޮނިހިރު ދުވަހު ވެރިކަމަށް ވަޑައިގަންނަވާ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި ތިއްބަވާނީ 19 މިނިސްޓްރީއަކަށް 19 ވަޒީރުން ކަން، ތަރުޖަމާނު މާރިޔާ ދީދީ ހާމަކުރައްވައިފިއެވެ.
މާރިޔާ މިހެން ވިދާޅުވީ ކެބިނެޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ. މާރިޔާ ވިދާޅުވީ އިބޫގެ ސަރުކާރުގައި އާ 9 މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ.
އެ މިނިސްޓްރީތަކަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗާ، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އިބޫގެ ސަރުކާރުގައި ތަފާތު ޕާޓީތަކުން ކެބިނެޓަށް އައި ނަމަވެސް ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާނީ އެއް ސަރުކާރެއްގެ ދަށުން އެކުގައި ކަމަށެވެ. އަދި ކޮންމެ މިނިސްޓްރީ އަކީވެސް އަހައްމިއްޔަތުކަން އޮވެގެން އޮންނަ މިނިސްޓްރީއެއް ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.